އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވަަމެވެ.
ޙަލީމް ދައުލަތަށް ޚިދުމަތް ކުރެއްވި 50 އަހަރު ތެރެއިން، 40 އަހަރަށް ވުރެ ގިނަދުވަހު، ދެމި ހުންނެވީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 6 ރައީސުންނަށް ޚިދުމަތް ކުރެއްވުމުގައި މުލީއާގޭގައެވެ. މައިގަނޑު ގޮތެއްގައި ކުރެއްވި ކަމަކީ ސުފުރާމަތި ބެލެހެއްޓެވުމެވެ. އަޅުގަނޑު މުލީއާގޭގައި އުޅުނު އިރުވެސް އެ ޚިދުމަތުގައި ދެމި ހުންނެވިއެވެ. ކޮންމެ ދުވަހަކު ހެން އަޅުގަނޑާ ބައްދަލުވެއެވެ. 6 ރައީސުންގެ ދުވަހުގެ ޒާތީ އެތައް ކަމެއް ފެނިލައްވާފައި ހުންނާނެއެވެ.
ޙަލީމްއަކީ ވަރަށް ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ސާފުތާހިރުކަމަށް ލޯބިކުރެއްވި ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.
މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ﷲ މިންވަރު ކުރައްވާށިއެވެ. އާމީން.